Sunday, January 6, 2013

އަމިއްލަ ކެނޑިޑޭޓުންގެ ހައިސިއްޔަތާއި ކޮރަޕްޝަނާއި މަލްޓިޕާޓީ ޑިމޮކްރަސީ


އަމިއްލަ މެމްބަރު، މިނިވަން ކެނޑިޑޭޓް، މިނިވަން މެމްބަރު ފަދަ ބަސްތަކަކީ ސިޔާސީ އުދަރެހުން ވަރަށް ގިނައިން ފެންނަ ބަސްތަކެކެވެ. ދިވެހިރާއްޖޭގައި ވެރިކަމުގެ ނިޒާމް ކަނޑައަޅަން ކުރިބަހުސްތަކުގެތެރެއިން ދިވެހި ގާނޫނު އަސާސީގައި  ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގައި އޮންނަން ޖެހޭނޭ މަލްޓިޕާޓީ އަށް ޖާގަދެވޭ ޕްރެޒިޑެންޝިއަލް ވެރިކަމެއް ކަމަށެވެ. ހަމަ އެޔާއި އެކު ވެރިކަން ކުރާނެ ގޮތާއި، ވެރިކަމުގެ ނިޒާމް ބައްޓަންކޮއްފައިވަނީ ލާމަރުކަޒީ ވެރިކަމެއް ކުރާގޮތަށެވެ. ރައްޔިތުންގެ މަޖިލިހާއި، އަތޮޅުކައުންސިލާއި، ރަށުކައުންސިލް ތަކުގެ އިތުރު މިފަދަ އިންތިހާބީ މަގާމްތަކަށް މެމްބަރުން އިންތިހާބް ކުރުމަށް، ޕާޓީތަކުގެ ފަރާތުންނާއި، އަދި އަމިއްލަގޮތުން  ކުރިމަތިލެވޭނެކަން ޤާނޫނު އަސާސީގައި ބަޔާންކޮއްފައިވެއެވެ.ސިޔާސީ ޕާޓީއެއްގެ ފަރާތުން އަންނަފަރާތް ތަމްސީލްކުރަނީ ސިޔާސީ ޕާޓީއާއި އަދި އެދާއިރާއެއްގެ ރައްޔިތުން ޝުއޫރާއި ފިކުރުކަމަށް ވާއިރު އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓް ތަމްސީލްކުރާނީ ހަމަ އެކަނި އެދާއިރާއެއްގެ ރައްޔިތުންގެ ތެރޭން ވޯޓުލީމީހުންގެ މެޖޯރިޓީ އެވެ. 

ސިޔާސީ ޕާޓީއަކީ އެޕާޓީއެއްގެ އަމިއްލަވަންތަ ސިޔާތުތަކެއްގެންގުޅޭ ބަޔަކަށް ކިޔާނަމަކަށް ވާއިރު، ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް އެޕާޓީއެއްގެ މެނިފެސްޓޯ މުޅިންތަފާތުވާނެއެވެ. މެނިފެސްޓޯއާއި ޕާޓީގެ ސިޔާސަތުތައް އެއްގޮތް ނަމަ އޭގެން ދޭހަވާ ކަމަކީ ސިޔާސަތާއި ހިޔާލްތައް އެއްގޮތްވާއިރު ވަކިވަކި ސިޔާސީ ޕާޓީހަދައިގެން އުޅެނީ އަމިއްލަ އެދުން ތަކެއް ހާސިލްކުރުމަށް ކަމުގައެވެ. ނޫންނަމަ ހިޔާލްތައް އެއްގޮތް ޕާޓީތައް ޖެހޭނީ އެއްކޮއްލަން ކަމުގައި ދެކެވެ. ޔުނިކް ސިޔާސަތަކަށް ނޫނީ ސިޔާސީ ޕާޓީ ހެދުމުގެ ޖާގަ ދެވިގެން ވާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ހަމަ އެހެންމެ އަމިއްލަގޮތުން ކުރިމަތިލާ މެންބަރުން އަމިއްލަ ގޮތުން ކުރިމަތިލާން ދިމާވާ ސަބަބެއްކަމުގައި ވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ސިޔާސަތާ ހިތްހަމަ ނުޖެހުމެވެ. މިހެންކަމަށްވާނަމަ އެކެނޑިޑޭޓެއްގެ ހިޔާލާއި ސިޔާސަތަކީ ތަންފީޒުކުރެވޭ ވަރުގެ އަގުލަބިއްޔަތެއް އޮތް ސިޔާސަތެއްކަން ކަށަވަރު ކުރަންޖެހެއެވެ. އަމިއްލަގޮތުން ނުކުމެ ތަންފީޒުނުކުރެވޭނެ ނުވަތައޭގައި ސިޔާސީ ބަރުދަނެއް ހިޔާލުތަކެއް ހިފައިގެން މަގާމަށް  އަމިއްލަގޮތުން އިންތިހާބުވީކަމުގައިވިޔަސް ރައްޔިތުންނަށް އޭގެން އެދެވޭ މަންފާއެއް ލިބިގެންނުދެއެވެ. މީގެ އިތުރުން ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް ފުރުސަތު ހުޅުވިގެން ގޮސްފައިވާކަން ފާއިތުވެ އަހަރުތަކުން އެނގެއެވެ.

 މިހާތަނަށް ދިވެހިރާއްޖޭގައި ބާއްވާފައިވާ އިންތިހާބު ތަކުން މިކަން ކަށަވަރުވެއެވެ.އަމިއްލަ ކެނޑިޑޭޓުން ނުވަތަ މިނިވަންކަމަށް ދައުވާ ކުރާ ކެނޑިޑޭޓުން ކޮރަޕްޝަނުން ތަގައްޔަރުވެފައި ވާއިރު އެމީހުން ތަންފީޒުކުރަން ބޭނުންވަނީ ކޮންސިޔާސަތެއްކަންވެސް ރައްޔިތުންނަށް ސާފުނުވެއެވެ. އެނބުރޭ ވަހުތާނެއްހެން މަހުޖަނުންގެ އަތްދަށުވުންނޫންކަމެއް މިވީހިސާބަށް އެމީހުނަށް ވެފައި ނުވާއިރު ގާނޫނު އަސާސީއަށް އިސްލާހުގެނެސް އަމިއްލަ ކެނޑިޑޭޓުންގެ ގޮތުގައި ވާދަނުކުރެވޭނެ ގޮތަށް ކަނޑައަޅާ އަމިއްލައަށް ކަންކަން ނިންމުގެ ހައިސިއްޔަތު ބާތިލް ކުރަން ޖެހެއެވެ. މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި ކެނޑިޑޭޓުން ވާންޖެހޭނީ ސިޔާސަތުތައް ކަނޑައަޅާ ބައެއްކަމުގައިވާ ސިޔާސީ ޕާޓީ ތަކެވެ.

No comments:

Post a Comment

There was an error in this gadget

Adam Fathuhy