Sunday, February 10, 2013

މުއްސަނދިކަން ހަމަހަމަ ކުރުން، ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތު 3



ގައުމެއް ޖީޑީޕީ ޕަރ ކެޕިޓާ (އާމްދަނީގެ ގޮތުން އަހަރަކު ބޮލަކަށް ޖެހޭވަރު) ކިތަންމެ ވަރަކަށް މައްޗަށް ޖެހުނު ކަމުގައި ވިޔަސް ގައުމައް ތަރައްގީވެ ތަހުޒީބްވެގެން ނުގޮސްދާނެއެވެ. ބޮލަކަށް ޖެހޭވަރު ހިސާބުކުރަނީ މުޅިދައުލަތައް ( އެންމެންނަށް) ލިބޭއާމް ދަނީގެ ޖުމްލަ މުޅިއާބާދީގެ އަދަދަށް ބަހާލައިގެން ކަމުން، މަދު މުއްސަނދިންކޮޅެއްގެ އަތުގައިވާ ގިނަފައިސާގެ ސަބަބުން ބޮލަކަށް ޖެހޭ ނިސްބަތް އިތުރުވާނެއެވެ. ގައުމަށް ލިބޭ ޖުމްލަ އާމްދަނީގެ %69 އެންމެ 265 މީހުންގެ ބާރުގެ ދަށުގައި ކޮންޓްރޯލް ވެފައި އޮތުމަކީ ބިރުވެރިކަމަކަށް ވާއިރު  ބާކީ ތިބި 369335 މީހުންގެ ބާރުގެ ދަށުގައި އޮތުމުން ހާމަވެގެން ދަނީ މުއްސަނދިކަށް ހަމަ ހަމަ އަށް ބެހިފައި ނެތްކަމާއި ރައްޔިތުން ބާރުވެރިކުރުމާއި، އިގްތިސާދީ ސިޔާސަތެއް ނެތްކަމާއި ގައުމުގެ އާބާދީގެ %76 ވުރެ ބޮޑުބައި އުޅެން ޖެހިފައިވަނީ ނިކަމެތިން ގޮތުގައި ކަމެވެ.


މިސާލަކަށް ގައުމުގައި ތިބި މުއްސަނދިންގެ ޖުމްލަ އާމްދަނީއަކީ 200 ބިލިއަން ކަމުގައި ބަލާ، ބާކީތިބި ހުރިހާއެންމެ ޖުމްލަ އާމްދަނީއަކީ 100 ބިލިއަން ކަމުގައި ބަލައިފިނަމަ ޖުމްލަ އާމްދަނީ އަކަށް ވާނީ 300 ބިލިއަނެއެވެ. މި 300 ބިލިއަން 3 ލައްކައިގެ އާބާދީ އަކަށް ބަހައި ފިނަމަ ބޮލަކަށް ޖެހޭނީ 1 މިލިއަނެވެ. އެހެންނަމަވެސް މުއްސަނދިންގެ އާމްދަނީ ނުލާ 200 ބިލިއަން ތިންލައްކަ މީހުނަށް ބަހާލައިފިނަމަ ޖެހޭނީ ބޮލަކަށް 6 ލައްކަ އެއްހާ ރުފިޔާއެވެ.  މިހާރު ދިވެހިރާއްޖޭގެ ޖީޑީޕީ ޕަރ ކެޕިޓާއަކީ އަކީ އަހަރެއްގެ މައްޗަށް 7000 ޑޮލަރެވެ. ރުފިޔާއިން ބަލައިފިނަމަ 100000 ރުފިޔާއެވެ. މިއަދަދަކީ ކުރިން ބުނިހެން މުއްސަނދިންގެ އާމްދަނީ ހިމަނައިގެން ކޮންމެ ރައްޔިތަކަށް އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ލިބޭވަރެވެ. މިއަދަދާ އެންމެ ނިކަތިމެތި މީހާގެ އާމްދަނީ އާއި ދެމެދު ހުރި ފަރަގު ބެލުމަށް، މުޅިއާއިލާއަށް ލިބޭ ޖުމްލަ އާމްދަނީ އެއްކޮށް އާއިލާގެ މެންބަރުންނަށް ބަހާލުމުން މުއްސަނދިންނާއި ފަގީރުންނާއި ދެމެދު ހުރި ފަރަގު ފެނިގެން ދާނެއެވެ.

 މިސާލަކަށް، 3 މީހުން ހިމެނޭ އާއިލާއެއްގެ (މަންމަ،ބައްޕަ،ދަރިފުޅު) ޖުމްލަ މަހުމުސާރައަކީ 5000 ރުފިޔާ ކަމުގައި ބަލައިފިނަމަ އެޔީ  އަހަރެއްގެ މައްޗަށް 60000 ރުފިޔާއެވެ. އަދި އާއިލާގެ ބޮލަކަށް  އެންމެ 20،000 ރުފިޔާއެވެ. މިއީ ނެޝަނަލް ޖީޑީޕީ އާއި އަޅާބަލާއިރު 80،000 ރުފިޔާ (ހަތަރުގުނަ) މަދު އަދަދެކެވެ. މިއިން އަންގައިދެނީ ގައުމުގެ މުއްސަނދިކަން ހަމަހަމަ ބެހިފައި ނެތްކަމާއި، ގައުމުގެ އިގްތިސާދު މަދު މުއްސަނދިންކޮޅެއްގެ ބާރާއި ނުފޫޒުން ހައިޖެކް ކޮއްފައިވާ ކަމެވެ.

މުއްސަނދިކަން ހަމަހަމަ ގޮތެއްގައި ބެހުމަށް ފުރިހަމަ ޓެކްސް ނިޒާމެއް ބޭނުންވެއެވެ. ބިޒްނަސް ޕްރޮފިޓް ޓެކްސް،ގުޑްސް އެންޑް ސާރވިސް ޓެކްސް ގެ އިތުރުން އެމްޕްލޯއިމަންޓް ޓެކްސް އާއި ވަކިކަހަލ ކޮމޯޑިޓީ ތަކުންނެގޭ ޓެކްސްއާއި ތިމާވެއްޓަށް ގެއްލުންދޭ މަސައްކަތްތަކުންވެސް  އިޤްތިސާދު މުއްސަނދި ކުރުމަށްޓަކައި ޓެކްސް ނަގަން ޖެހެއެވެ. ޓެކްސް ނަގާނެ ނިޒާމެއް އެކަށަ އެޅުމަކީ މުއްސަނދި މަހުޖަނުން ބޭނުންވާ ކަމެއްނޫން ކަމުން، އެއީ ގައުމު އިނދަޖެހިގެންދާނެ ކަމެއް ކަމަށް ރައްޔިތުންނަށް އެމީހުން ވިސްނައިދޭން ހުރިހާ ގައުމެއގައިވެސް މަސައްކަތް ކުރެއެވެ. 

ދިވެހިރާއްޖޭގައި މިހާރު ނަގަމުންދާ އިންކަމްޓެކްސްއެއް ކަމުގައިވާ ބިޒްނަސް ޕްރޮފިޓް ޓެކްސް (ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް / ބީ.ޕީ.ޓީ ) ނެގިކަމުގައި ވިޔަސް އެންމްޕްލޯއިމަންޓް ޓެކްސް ނުނަގައިފިނަމަ، ބީ.ޕީ.ޓީ އަށް މަކަރު ހެދުމުގެ ފުރުސަތުގެ ހުޅުވި ޓެކްސްގެ ނިޒާމް ފޫއްޓޭނެއެވެ. މިހެންކަމުން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އެކަށީގެންވާ ގޮތެއްގައި ނުލިބޭނެއެވެ. މަހުޖަނުންގެ ނުފޫޒާއި ބާރުން ރައްޔިތުން މަޖްލިސްގައި އެމްޕްލޯއިމަންޓް ޓެކްސާއި ދެކޮޅަށް  މެމްބަރުން ވާހަކަދައްކާ ފައިވަނީ ދެންނެވިފަދައިން ޓެކްސްގެ ނިޒާމް ފޫވައްޓާލާ، މުއްސަނދިކަން ބެހިގެން ހިގައިދާނެތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

ޓެކްސްގެ އިތުރުން ވިޔަފާރީގެ އަހްލާގާއި ސްލޫކީ މިންގަނޑުގެ ތެރެއިން މުއްސަނދި މަހުޖަނުން އަތުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު / އިޖްތިމާއީ ޒިންމާ) ގެ ދަށުން ހިލޭސާބަހަށް މުޖުތަމައުއަށް ފައިދާވާ ފަދަ ކަންތައް ކޮށްދެންޖެހެއެވެ. މިކަމަކީވެސް ވިޔަފާރިއާއި ކުންފުނީގެ އަދި ޓްއަރިޒަމްގެ ޤާނޫނުގެ ދަށުން މަހުޖަނުންނަށް ލާޒިމްކުރާ ކަންތައް ކަމުގައި ހަދަން ޖެހެއެވެ. މިސާލަކަށް ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ރިސޯޓަކުންވެސް، ކޮންމެ އަހަރަކު ވަކިއަދަދަކަށް މަތީތައުލީމު ހޯދަންބޭނުންވާ ދަރިވަރުންނަށް އެހީވުމަށް ޓްއަރިޒަމްގެ ސިޔާސަތުގައި ލާޒިމްކުރެވިދާނެއެވެ.

މުއްސަނދިކަން ހަމަހަމައަށް ބެހިފައިވާ ކޮންމެ ގައުމެއްގެ ވެސް އިޤްތިސޯދުގެ މައިތަނބަކީ ކުދި އަދި މެދުފަންތީގެ ވިޔާފަރި ތައްކަމުން، ދިވެހިރާއްޖޭގައިވެސް މިފަދަ ވިޔަފާރީތައް އުފައްދާ ، މަހުޖަނުންގެ ކިބައިން ސަލާމަތްކޮށް ހިމާޔަތްކުރުމަށް ސިޔާސަތުތައް އެކަށައެޅެން ޖެހެއެވެ. މަހުޖަނުންނަށް ކުދިވިޔާފާރިތަކަށް ވަނުމަށް އޮތްދޮރު ބަންދުކުރަން ޖެހެއެވެ. މިސާލަކަށް ބަލާނަމަ ދިވެހިރާއްޖޭ ބައެއް މަހުޖަނުންނަކީ ރިސޯޓްތައް އޮޕަރޭޓް ކުރުމުގެ އިތުރުން، ބާޒާރުމަތީ އުނގު ވިޔަފާރި ކުރާބައެކެވެ.
މުއްސަނދި ކަން ހަމަ ކުރުމަށް މަތީގައި ދެކިވިފައިވާ ވާހަކައިގެ އިތުރުން އެތައް ކަމެއް ކުރެވިދާނެއެވެ. ކޮންމެ ކަމެއްވެސް ނިމެނީ ގާނޫނަކާއި ހަމައިން ނުވަތަ ސަރުކާރުގެ ސިޔާސަތާއި ހިސާބުން ކަމުން ރައްޔިތުން މިއަޑުތައް އުފުލައިގެން މެނުވީ ގެއްލިފައިވާ މުއްސަނދިކަން ހަމަހަމަ އެއްނުކުރެވޭނެއެވެ.

No comments:

Post a Comment

There was an error in this gadget

Adam Fathuhy