Monday, March 18, 2013

މާލޭން ލިބެންހުރި މޭވާ އަދި ތަރުކާރީ (ކެލްސިއަމް ކާބައިޑް ) ވިހައިން ތަގައްޔަރުވެފައި.ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކާނާގެ ތެރޭގައި ހިމެނޭ މޭވާ އަދި ތަރުކާރީ އަކީ މާލޭން ފަސޭހައިން ލިބެން ހުރި އެއްޗެއް ކަމުގައި ވިޔަސް އެއީ އަވަށްޓެރި ގައުމުތަކުން އެތެރެ ކުރެވޭ ތަކެތިކަމުގައި ވުމުން ގިނަދުވަހަށް ބެހެއްޓުމަށްޓަކައި ކެމިކަލުން ޓްރީޓްކުރާކަން އެނގިފައިވާތީ އަޅުގަނޑު ބޮޑަށް ބަލަނީ ދިވެހިރާއްޖޭގައި ހައްދާ ބާވަތްތައް ލިބޭތޯއެވެ.
ނަމަވެސް މިއަދު މިވަނީ ދިވެހިރާއްޖޭގައި ހައްދާ ބާވަތްތަކަށްވެސް އިތުބާރު ގެއްލިފައެވެ. މާލެއަށް ގެނެވޭ ދޮންނުވާ މޭވާގެ ބާވަތްތައް ދޮންކުރުމަށް، ވިހަ ކެމިކަލެއް ކަމުގައިވާ ކެލްސިއަމް ކާބައިޑް ބޭނުންކުރުންވަނީ މާލޭ "ލޯކަލް މާރުކޭޓު" ގައި އާއްމު ވެފައެވެ. ކެލްސިއަމް ކާބައިޑަކީ ދުނިޔޭގެ ވަރަށް ގިނަގައުމުތަކުގައި ގެންގުޅުން މަނާކުރެވިފައިވާ  ހުދުކުލައިގައި ހުންނަ (ހިކި) ވިހަ ކެމިކަލެކެވެ.


 ކެލްސިއަމް ކާބައިޑް ބޭނުންކުރުމުން ފެނާއި އެކުވެ އެސެޓްލީން ކިޔާ ގޭހެއް އެފެދި މޭވާގެ ތޮށިގަނޑުދޮންވެ ކެމިކަލްގެ އަސަރު މޭވާގެ ތެރެއަށް ކޮށް މޭވާ އެތެރެ ދޮންވާން ފަށައެވެ. އަދި މިކެމިކަލް އަކީ ބްލެޑަރ (ގުރުދާ)،މޭ ، ކިޑްނީ، އަދި ފިރިހެނުންގެ ކުރިމަތިފަރާތަށް، ކެންސަރުޖެހުމަށް މަގުފަހިކުރާ ކެމިކަލެއްކަމުގައިވާ އާރސެނިކްއާއި ނުރައްކާތެރި ފޮސްފަރަސް އާ ތަގައްޔަރުވެފައި ހުންނަ ކެމިކަލް އެކެވެ.

މީގެ އިތުރުން މާބަނޑު އަންހެނުން މިފަދަ މޭވާ ބޭނުން ކުރުމުން ބަނޑުގައިވާ ކުޑަދަރިފުޅު އައިބުވުމުގެ ފުރުސަތު ބޮޑެވެ.  ބޭސް ޖަހާމީހުންނަށް މީ އަދި މާނުރައްކާތެރި އެއްޗެކެވެ. ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށާއި ސިކުނޑިއަށް އަސަރުކުރުމުން، ފުއްޕާމޭގައި ފެންހެދި ނޭވާލުމުގެ މައްސަލަތައް ކުރިމަތިވުމާއި، ބޯއެނބުރުމާއި، މީހާގެ މޫޑު ބަދަލުވުމާއި، އަދި ކުރުމުއްދަތުގައި ހަނދާނުގައި ހުންނަ އެއްޗެހި ފުހެވުމުގެ އިތުރުން، ދިގުމުއްދަތުގައި ސިކުނޑީގައި ފެންހެދި ސިކުނޑިއަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.

ކެލްސިއަމް ކާބައިޑް ޖަހާފައިވާ މޭވާ ފާހަގަ ކުރާނީ ކިހިނެތް؟
ބޭސް ޖަހާތާ 18 -24 ގަޑި އިރުތެރޭ މޭވާގެ ތޮށިގަނޑު ދޮންވާނެ އެވެ. އެހެން ނަމަވެސް މޭވާގެ އެތެރެ މިމުއްދަތުގެ ތެރޭގައި ދޮނެއް ނުވާނެއެވެ. މޭވާއަށް ފިތާލައިފިނަމަ ހަރުކަން އިހްސާސް ކުރެވޭނެއެވެ. ދޮންކެޔޮ އަދި ފަޅޯ ތޮށިގެ ދަށުގައި ދޮންނުވާ މޭވާއާ އެއްވަރާ ގާތަށް ކިރު ނުވަތަ ކިހައްޑިޔާ ހުންނާނެއެވެ. ހަމަ އެހެންމެ މޭވާގެ ރަހަޔަށް ބަދަލު އައިސްފައި ހުންނާނެއެވެ. ޓޮމާޓޯގައި ހުތްރަހަ ގަދަ ވުމުގެ އިތުރުން އެހެން މޭވާ ތަކުގައިވެސް ހުތްރަހައެއް ހުންނާނެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސަމާލުކަމަށް ގެނައުން
ކާބޯތަކެތި ވިހަޔާއި ނަޖިހުން ސަލާމަތްކުރުމަށް ޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިކަން ބަލާ ފިޔަވަޅު އެޅުމަށް ހުރިހާ ފަރާތްތަކުންވެސް ބާރުއެޅުއްވުން އެދެމެވެ. MFDA  ސަމާލު ކަމަށް ގެނައުމަށް 3014322 ނަމްބަރު ފޯނަށް އަދި ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް  3328887 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމވެ.

ރިފަރެންސް:


1 comment:

There was an error in this gadget

Adam Fathuhy