Wednesday, June 26, 2013

އިންޓަނެޓްގެ ވެރިފަރާތަކީ ކާކު ؟ އިންޓަރނެޓް މަސައްކަތް ކުރަނީ ކިހިނެތް ؟

އިންޓަރނެޓަކީ ކަނޑުއަޑީގައި އަޅާފައިވާ ފައިބަރ އޮޕްޓިކް ސަބްމެރައިން ކޭބަލްއިންނާއި ބިމުގަޑީގައި ވަޅުލާފައިވާ ކޭބަލް ތަކުންނާއި، ސެޓެލައިޓް ސިގްނަލްތަކާއި، ވައިފައި އަދި ބްލޫޓޫތް ފަދަ އެތައް ކަނެކްޝަންތަކަކުން އެތައް ނެޓްވޯރކްތަކަކާއި ގުޅި ލާމެހިފައިވާ މާސިންގާ ނެޓްވޯރކެކެވެ. ކޮންމެ ސިކުންތަކު މިމާސިންގާ ނެޓްވޯރކާއި، އެތައްހާސް ކޮމްޕިއުޓަރާއި، ކޮމްޕިއުޓަރުގެ ނިޒާމުން ގުޅުވައިދޭ އެތައްއާލާތެއް ގުޅޭއިރު އެއާއެއްވަރު އަދަދެއް ނެޓްވޯރކުން ވަކިވެގެން ދެއެވެ. ދިގުރާސްތާ ފޯންކޯލްކުރުމާއި، ޓެލެމެޑިސިން، އަދި ޓީވީ ޗެނަލްތަކުގެ ސިގްނަލް ފޮނުވަމަށާއި، ވީޑިއޯ، އޯޑިއޯ ، ފޮޓޯ އަދި ލިޔެކިޔުން ބަދަލުކުރުމުގައި އިންޓަރނެޓް ބޭނުންކުރެއެވެ.
އިންޓަރނެޓްގެ ވެރިފަރާތް
 އިންޓަރނެޓްގެ ވެރިފަރާތަކީ އިންޓަރނެޓް ބޭނުންކުރާ ފަރާތް ތަކާއި ނެޓްވޯރކް ތަކުގެ ވެރިފަރާތްތަކެވެ. ތިބޭފުޅާގެ ކޮމްޕިއުޓަރ އިންޓަރނެޓާއި ގުޅާފައިވާ ނަމަ ތިއީވެސް އިންޓަރނެޓްގެ މިލްކްވެރިއެކެވެ. އެއީ ވަކިފަރާތެއްގެ މިލްކެއްނޫނެވެ. އެއީ އެތައްމިލިއަން ބައެއްގެ މުދަލެކެވެ.  
އިންޓަރނެޓްގެ ތާރީޚް
އިންޓަރނެޓް އުފެދިފައިވަނީ ކަނޑައެޅިގެން މިވެނި އަހަރެއްގައި ބުނުމަކީ ފަސޭހަކަމެއް ނޫނެވެ. އެމެރިކާގެ ސަރުކާރުން ޚަރަދުކޮއްގެން، މައްސަލަ ނުޖެހޭ ނުވަތަ ފެއިލް ނުވާނެވަރުގެ ކޮމްޕިއުޓަރ ނެޓްވޯރކެއް ހެދުމުގެ މަސައްކަތް 1960 ގައި ފެށުނެވެ. ހަމަ އެހެންމެ ފްރާންސްއާއި އިނގިރޭސި ވިލާތުންވެސް މިފަދަ މަސައްކަތްތަކެއް ކުރެވުނެވެ. އިންޓަރނެޓަކީ ކިޔަވައިދިނުމުގެ  ބޭނުންތެރި އެއްޗެއްގޮތުގައި ބެލެވި  ބޮޑެތި ނެޓްވޯރކްތައް ގުޅުވާލާ  ތަރައްޤީވާން ފެށީ 1980 ތެރޭ ގައެވެ. 1990 ގައި ވިޔަފާރީގެ އުސޫލުން އިންޓަރނެޓް ބޭނުންކުރަންފެށުނެވެ.
 އިންޓަރނެޓްގް މަސައްކަތް ފެށިގެން އައީ 1950 ގެ އަހަރުތަކުގައި ARPANET  އެޑްވާންސް ރިސަރޗް ޕްރޮޖެކްޓް އެޖެންސީ ނެޓްވޯރކްގެ މަސައްކަތާއި ހިސާބުންނެވެ.  އެޕްރޮޖެކްޓަށް ޚަރަދު ކުރަމުން އައީ އެމެރިކާގެ އެޑްވާންސް ރިސަރޗް ޕްރްޖެކެޓް އެޖެންސީ އިންނެވެ. ފަހުން ޔޫއެސް ޑިޕަރޓްމަންޓް އޮފް އެޑްވާންސް ޕްރޮޖެކްޓް އެޖެންސީ އިންނެވެ.  މިޕްރޮޖެކްޓްގެ ތެރެއިން ދުނިޔޭގައި ފުރަތަމަ ފަހަރަށް TCP/IP  ޕްރޮޓޮކޯލް  ސުއިޓް ބޭނުންކޮއްގެން މިޒަމާނުގައި ބޭނުންކުރާ ޕެކެޓް ސްވިޗިން ނެޓްވޯރކެއް އީޖާދު ކުރެވުނެވެ.  އެއީ  އިންޖިނިއަރ ޕޯލް ބެރަން، އިނގިރޭސިވިލާތުގެ ސައިންޓިސްޓް ޑޮނަލްޑް ޑޭވިސް އަދި ލިންކަން ލެބޯރަޓަރީގެ ލޯވްރަންސް ރޮބަރޓް އެކުލަވާލައިވާ ދެލިކޮޕީގެ މައްޗަށްށެވެ.  މުއާސަލާތީ  TCP/IP  ޕްރޮޓޮކޯލް ސުއިޓް އާޕާނެޓްއަށް ޑިވެލޮޕްކޮއްދީފައިވަނީ  ކޮމްޕިއުޓަރ ސައިންޓިސްޓް ރޮބަރޓް ހާން އަދި ވިންޓަން ސަރފް އެވެ. އާރޕާނެޓްގެ ފުރަތަމަ ފިޔަވަހީގައި އެމެރިކާގެ 4 ޔުނިވަރސިޓީއެއް ކޮމްޕިއުޓަރ ނެޓްވޯރކުން ގުޅާލެވެނެވެ. މިގޮތުން ޔުނިވަރސިޓީ އޮފް ކެލިފޯނިޔާ ލޮސް އެންޖަލިސް، ސްޓެންފޯރޑް ރިސަރޗް އިންސްޓިޓިއުޓް ، ޔުނިވަރސިޓީ އޮފް ކެލިފޯރނިއާ ސަންޓާ ބާރބަރާ،  އަދި ޔުނިވަރސިޓީ އޮފް އުޓާ ގުޅާލެވެނުވެ. 1989 ގައި އެމެރިކާގެ ނެޝަނަލް ސައިންސް ފައުންޑޭޝަންގެ ނެޝަނަލް ސައިންސް ފައުންޑޭޝަން ނެޓްވޯރކް NSFNET އުފެދުމާ ހިސާބަށް ހަމަޔަށް އާޕާނެޓް ތަރައްގީކޮށް ދެމިގެން ދިޔައެވެ. NSFNET ވެގެންދިޔައީ އެމެރިކާގައި އެޅިގެންދިޔަ އިންޓަރނެޓްގެ މައިނެޓްވޯރކްތައް ނުވަތަ އިންޓަރނެޓް ބެކްބޯންތަކެއްގަ ގޮތުގައެވެ.  އިންޓަރނެޓް ބެކްބޯންއަކީ ކުދިނެޓްވޯކްތައް ގުޅުވައިދޭ މައި ނެޓްވޯރކްތަކުގެ  މައި ލައިންތަކަށް ކިޔާނަމެވެ.
އަޅުގަނޑުމެން މިހާރު ބޭނުންކުރަމުން މިދާ ވޯރލްވައިޑް ވެބް ނުވަތަ ވެބްސައިޓް ޓެކްނޮލޮޖީ އުފަންވީ 1990 ގައެވެ. ވޯރލްޑް ވައިޑް ވެބް އުފަންވެގެން އައީ ޕާރޓިކްލް ފިޒިކްސް އާއިބެހޭ ދިރާސާ ކުރާ ބައިނަލް އަޤްވާމީ ޖަމާޢަތެއް ކަމުގައިވާ ޔޫރަޕިއަން އޮގައިނައިޒޭޝަން ފޮރ ނިއުކްލިއަރ ރިސާރޗްގެ ދިރާސާގައި ބައިވެރިއެއްކަމުގައިވާ ޓިމް ބާރނިސްލީ އެ ޖަމާއަތުގެ މައުލޫމާތުތައް ޝެއެއަރ ކުރުމަށް 1989 އުފެއްދި ޓެކްނޮލޮޖީ އަކުންނެވެ.  ވަރަށް އާދައިގެ ކޮމްޕިއުޓަރެއްގައި ރަންކުރާގޮތަށް ޓިމް ބާރނިސްލީ ދެ ސޮފްޓްވެއަރ ލިޔުނެވެ. އެއީ ވޯރލްޑް ވައިޑް ވެބް ކިޔާ ބްރައުޒަރ ސޮފްޓްވެއަރ އަކާއި CERN httpd ކިޔާ ސަރވަރ ސޮފްޓްވެއަރ އެކެވެ. ވެބް ޕޭޖްތައް ލިޔެފައިވަނީ މިހާރުވެސް ބޭނުންކުރަމުން އަންނަ އެޗްޓީއެމް އެލް (ހައިޕަރޓެކްސްޓް) އިންނެވެ.  އޭގެ ފަހުން އަލައް ތައާރަފްވި ޓެކްނޮލޮޖީ ތަކުގެ އެހީގައި ވޯރލްޑް ވައިޑް ވެބް މިވަނީ އެތައްގުނައެއް ކުރިއަރާ ބޭނުންކުރަން ފަސޭހަވެފައެވެ.

އިންޓަރނެޓްގެ ކުރިމަގާއި ސިޔާސަތުގައ ކަނޑައަޅާ ފަރާތްތައް
އިންޓަރނެޓްގެ ކުރިމަގާއި، ސިޔާސަތުތައް ކަނޑައަޅާ ތަރައްޤީކުރުމަށް، އިންޓަރނެޓް ސޮސައިޓީގެ ނަމުގައި ބައިނަލް އަޤްވާމީ ޖަމްއިއްޔާއެއް ވަނީ އުފައްދާފައެވެ. މިޖަމްއިއްޔާގެ މެމްބަރުންގެ ގޮތުގައި 55 ހާސް މީހުން  ހިލޭސާބަހަށް ހަރަކާތްތެރިވަމުންދާއިރު މަސައްކަތްތައް ބަހާލެވިފައިވަނީ 4  ގޮފީގެ މައްޗަށެވެ. އެއީ:
1.      އިންޓަރނެޓް އިންޖިނިއަރިންގ ޓާސްކްފޯރސް
2.      އިންޓަރނެޓް އާރކިޓެކްޗަރ ބޯޑް
3.      އިންޓަރނެޓް އިންޖިނިއަރިންގ ސްޓިއަރިންގ ގްރޫޕް
4.      އިންޓަރނެޓް ރިސަރޗް ޓާސްކްފޯރސް
އިންޓަރނެޓްގެ އެއްބައި ކަމުގައިވާ ވޯރލްޑް ވައިޑް ވެބް ތަރައްޤީކޮށް ސިޔާސަތުތައް ކަނޑައެޅުމަށް ވޯރލްޑް ވައިޑް ވެބް ކޮންސޯޓިއަމްގެ ނަމުގައި ވޯރލްޑްވައިޑްގެ ފައުންޑަރ  ޓިމް ބާރނިސް ލީ އިސްވެ ހުންނަވާ ހާއްސަ މުއައްސަސާއެއް އުފައްދާފައިވެއެވެ.  މީގެ އިތުރުން އައިޕީ އެޑްރެސްތަކާއި ޑޮމެއިން ނޭމް ސިސްޓަމް މެނޭޖް ކުރުމަށް އަޔާނާ އަދި އައިކާންގެ ނަމުގައި ބައިނަލްއަޤްވާމީ ދެ ޖަމާއަތެއް ހަރަކާތްތެރިވާއިރު މިދެމުއައްސާގެ ދަށުން ބެލެހެއްޓުމަށްޓަކައި ދުނިޔެވަނީ  ރީޖަނަލް އިންޓަރނެޓް ރެޖިސްޓީ ތަކެއްގެ ގޮތުގައި ފަސްބަޔަކަށް ބަހާލެވިފައެވެ. އެއީ
1.      އެޕްނިކް  - އޭޝިއާ ޕެސިފިކްއަށް
2.      ރައިޕް  - ޔޫރަޕް، މިޑްލް އީސްޓް ، ރަޝިޔާ އަދި ސެންޓްރަލް އޭޝިޔާއަށް
3.      އެފްރިނިކް – އެފްރިކާ ބަށްރަށް
4.      އަރިން  -  ނޯތު އެމެރިކާ، އެންޓާޓިކާ އަދި ކެރީބިއަން އަށް
5.      ލެކްނިކް – ލެޓިން އެމެރިކާ އަދި ކެރީބިއަންގެ ބައެއް ސަރަޙައްދު ތަކަށް
އިންޓަރނެޓް މަސައްކަތްކުރަނީ އާދައިގެ ނެޓްވޯރކެއް މަސައްކަތްކުރާގޮތާއި ދާދި އެއްގޮތަށެވެ. މިގޮތުން ސިސްޓަމް އިންޓަރނެޓާއި ތިންގޮތަކަށް ގުޅިދާނެއެވެ. އެއީ
1.      ޕިއަރ އެއްގޮތަށް    - އިންޓަރނެޓާއި ގުޅިފައވާ ސިސްޓަމްތަކަށް މައުލުމާތާއި ޑޭޓާ ދިނުމަށް އަދި ލިބިގަތުމަށް
2.      ސަރވަރއެއްގޮތަށް   - އިންޓަނެޓާއި ގުޅިފައިވާ ސިސްޓަމްތަކުން އަންނަ ރިކްއެސްޓްތައް ޕްރޮސެސްކޮށް، ޖާވާބުދާރީވުމަށް.
3.      ކްލައިޔަންޓަކަށް  - ސާރވާތަކަށް ނުވަތަ ޕިއަރތަކަށް ރިކުއެސްޓާއި ކޮމާންޑް ފޮނުވައިގެން މައުލޫމާތާއި ޑޭޓާ ލިބިގަތުމަށް.
ވޯރލްޑް ވައިޑް ވެބް މަސައްކަތް ކުރާގޮތް
ވެބްސައިޓްތަކަކީ ވެބްސަރވަރ ތަކުގައި މަސައްކަތްކުރަމުންދާ އެޕްލިކޭޝަން ނުވަތަ އަދައިގެ ހައިޕަރޓެކްސްޓް ޕޭޖްތަކެކެވެ. އެޑްރެސްބާރގައި ވެބްސައިޓްގެ ނަން ޖެހުމުން އެޖެހި އެޑްރެހަކީ ރަނގަޅު އެޑްރެހެއްތޯ ޗެކްކުރުމުގެ ރިކްއެސްޓެއް ފަޅިސްކުންތަކަށްވުރެ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމާގުޅޭ ސަރވަރތަކަށް ފޮނުވާ އޭގެ ޖަވާބު ގެނެސްދެއެވެ. މިގޮތުން ވެބްއެޑްރެސްތައް ނުވަތަ ޑޮމެއިން ނޭމް އަކީ ރަނގަޅުއެޑްރެހެއްތޯ ޗެކްކުރެވެ. ކުރީޒަމާނުގައި ވެބްސައިޓްތަކަށް ވަނުމަށް ބޭނުންކުރަނީ އައި.ޕީ އެޑެރެހެވެ.  އައި.ޕީ އެޑްރެހަކީ ދިގު ނަމްބަރުތަކެއް ކަމުން، ހަނދާނުގައި ބަހައްޓަން އުނދަގޫކަމުން، ޑޮމެއިންނޭމް ތައާރަފް ކުރެވުނެވެ. ޑޮމެއިން ނޭމް އަކީ ވެބްބްރައުޒަރގައި ޖަހާ އެޑްރެހަށް ކިޔާނަމެވެ. މިސާލަކަށް  google.com  .  ކޮންމެ ވެބްއެޑްރެހެއްވެސް ގުޅިފައިވަނީ އައި.ޕީ އެޑްރެސް އަކާ އެވެ. އެއީ ކަމާ ގުޅޭ ސަރވަރއާ ގުޅުމަށް ދީފައިވާ ނަމްބަރެވެ.
ޢެޑްރެސްރަނގަޅު ނަމަ އެޑްރެހާއި ގުޅިފައިވާ އައިޕީ އެޑްރެސްއަށް އެކަން އަންގައެވެ. އަދި ސަރވަރ އާއި ރިކްއެސްޓްކުރި ކޮމްޕިއުޓަރއާއި ދެމެދު ޑޭޓާ ޓްރާންސްފަރ ކުރުމަށް ކަނެކްޝަނެއް ހެދެއެވެ. ޑޭޓާތައް ނެޓްވޯރކްގެ ތެރެއިން ގެންދިއުމަށް ކުދިކުދި ކޮއްލެވެއެވެ. މިޑޭޓާތަށް ޕެކެޓްތަކެއްގެ ގޮތުގައި ރިސީވިންގް ސިސްޓަމަށް ވާސިލްވުމަށް ފަހު އެކަން ފޮނުވި ސަރވަރ ކޮމްޕިއުޓަރއަށް އަންގައެވެ. އަދި ޑޭޓާ ޕެކެޓް ހަލާކުވެފައިވާނަމަ އެކަންވެސް އަނގައެވެ. ސަރވަރއިން ރިކްއެސްޓްތައް ބަލައިގަނެ ރިސީވިންގް ސިސްޓަމް އަންގާގޮތަށް ކުދިކުދި ކޮއްލެވުނު ހުރިހާ ޑޭޓާއެއް ހުސްވަންދެކަށް ރިސީވިންގ ސިސްޓަމަށް ފޮނުވައެވެ. އަދި މިޑޭޓާތައް ރީއެސެމްބްލްކޮށް އިންސާނުންނަށް މައުނަވީ އެއްޗެއްގެ ގޮތުގައި ބްރައުޒަގައި ދައްކައިދެއެވެ. ނުވަތަ އިއްވައިދެއެވެ.

ރިފަރެންސް:

2 comments:

  1. Nimun kada ey bro
    Packet kuruma packetun niulhuma thafseelu kolla dhinnama v furihama vees
    I mean OSI Layers work of that 7 layers in packing and unpacking

    ReplyDelete
  2. Maabodah dhigu vaathee layers thah work kuraa goiyy nuhimenee. Iraadha kureviyya ehen article ehga TCP/IP adhi OSI model detail koh liyaanan dhivehin.

    ReplyDelete

There was an error in this gadget

Adam Fathuhy